ރާއްޖޭގެ ރަށްރަށަށް އެކި ކަންކަމުގައި ދަތުރު ކުރުމަކީ އަޅުގަނޑުގެ އާދައެކެވެ. ދާދިފަހުން ކުރި އެފަދަ ދަތުރެކެވެ. އެރަށުގެ ކައުންސިލްގެ މެމްބަރަކާ ރަށު ތެރެއިން ދިމާވި އެވެ. ސިއްރު ސިއްރުން އަޅުގަނޑު ކައިރީގައި އޭނާ އެދުނީ އެއްވެސް ހާލަތެއްގައި އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް ވީތީ ސިޔާސީ ކަމަކު ނޫނެވެ. އޭނާ އެދުނީ އެރަށުގެ ތަރައްގީއަށް ކުރަން ޖެހިފައި އޮތް މުހިންމު ކަމެއް މަޖިލިސް ތެރެއިން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ. އަޅުގަނޑަކީ މާލޭގެ ދާއިރާއަކަށް ނިސްބަތްވާ މެމްބަރެއްކަން އެނގިހުރެމެ، އޭނާ އެދުނު އެ އެދުމަށް ނޫނެކޭ ބުނާކަށް އަޅުގަނޑުގެ ޟަމީރު ގަބޫލެއް ނުކުރެވުނެވެ.
އެ ވާހަކަ އަޑުއަހާފައި އަޅުގަނޑަށް ހަނދާނަށް އައީ އެހެން ރަށެއްގައި ހިނގިދިޔަ ހާދިސާއަކާ ގުޅިގެން މަޖިލީހަށް އަޅުގަނޑު ހުށަހެޅި ކުއްލި މައްސަލައަކާ ގުޅިގެން އެރަށުގެ ކައުންސިލްގެ މެމްބަރަކު ކުރެއްވި ފޯން ކޯލެވެ. އެ ކޯލްގައި، "މިއީކީ ތިޔަ ބޭފުޅާގެ ދާއިރާއެއް ނޫނެއް ނޫންހޭ" ވިދާޅުވެ، އަޅުގަނޑާ މެދު ހިތްހަމަނުޖެހިގެން އެރަށު ކައުންސިލްގެ މެމްބަރު އެވާހަކަ ދެއްކެވި އެވެ. އަދި އެނޫނަސް ބައެއް މުހިންމު ކަންކަމާ ގުޅޭ މައްސަލަތައް މަޖިލީހަށް ހުށަހަޅަން އުޅުމުން ބައެއް ބޭފުޅުންގެ ނުރުހުން އަމާޒުވާ ނަމަވެސް އެކަންކަން އަޅުގަނޑު ކުރަނީ ސިޔާސީ ކަމަށް ވުރެ ބޮޑަށް އެތައް ބައެއްގެ ހައްޤުތަކާއި ކުރިއެރުމާ ގުޅިފައިވާ ޤައުމީ ކަންކަން ކަމުގައި ދެކިގެންނެވެ.
ރާއްޖޭގެ ސިޔާސީ މާހައުލު އޮންނަ ގޮތާއި މަޖިލީހުގައި ޕާޓީތަކުގެ އަޣުލަބިއްޔަތު ބެހިފައި އޮންނަ ގޮތުން ކޮންމެ ދާއިރާއެއްގެ ހައްގުގައި ބަސް ބުނާނެ އެ ދާއިރާގެ މެމްބަރަކު ނުހުރެ އެވެ. އަދި ގާނޫނުއަސާސީގައި ކޮންމެ އިންތިހާބީ ދާއިރާއަކަށް މެމްބަރަކު ކަނޑައަޅާފައި ހުރި ކަމުގައި ވިޔަސް, ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ހައްގު ބަހެއް ބުނުމާއި ނުބުނުން ބިނާވެފައި އޮންނަނީ އެ މެމްބަރު ނިސްބަތްވާ ޕާޓީގެ މައްޗަށެވެ. އަދި އެ މެމްބަރަކު ނިސްބަތްވާ ދާއިރާއެއްގެ ރަށެއްގެ ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕާޓީއެއްގެ ސަބަބުން ވެސް މިކަމަށް އަސަރު ކުރާތަން ދޭތެރެ ދޭތެރެއިން ފެނެ އެވެ.
ހަމަމިގޮތަށް, އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެމްބަރެއް ހުރެއްޖެނަމަ, މަޖިލީހުން ބޭރުން ވަޒީރުންނާ ވަކިން ބައްދަލުކޮށްގެން ކަންކަން ފަސޭހައިން ކުރުމުގެ ދޮރު ހުޅުވިފައި އޮތް ނަމަވެސް މަޖިލިސް ތެރެއިން އެ މެމްބަރެއްގެ ދާއިރާގެ ހައްގުގައި ބަސް ބުނުން ނުވަތަ މަސައްކަތް ކުރާތަން ފެންނަނީ ވަރަށް މަދު ހާލަތެއްގަ އެވެ. އަދި ސަރުކާރުގެ ސިޔާސަތާ ދެކޮޅު ވެވިދާނެތީ ނުވަތަ ސަރުކާރު ހިންގާ ޕާޓީން ނުރުހިދާނެތީ، އެ މެމްބަރުގެ ދާއިރާގެ ކަމެއްގައި ވިޔަސް މަޖިލީހުގައި ވަޒީރަކާ ސުވާލުކޮށްލަން ބޭނުންނުވާ މެމްބަރުން މަޖިލީހުގައި އަބަދުވެސް މަދެއް ނޫނެވެ.
އެހެން ދާއިރާތަކުގެ މެމްބަރުން މެދުވެރިކޮށް މަޖިލީހުގެ ސަމާލުކަމަށް މައްސަލަތައް ގެންނަން ޖެހެނީ މިފަދަ އެތައް ސަބަބުތަކާ ހެދި އެވެ. ނަމަވެސް ވަކި ދާއިރާއެއްގެ ކަމަކާ ގުޅިގެން އެހެން ދާއިރާއެއްގެ މެމްބަރަކު މަޖިލީހަށް އެ މައްސަލަ ހުށަހެޅުމަކީ މަޖިލިސް ތެރެއިން ވެސް އެތައް ހުރަހެއް އެ މެމްބަރަކަށް ކުރިމަތި ކުރުވާ ކަމެކެވެ. އެގޮތުން މިއީ އެ ދާއިރާއެއްގެ މެމްބަރުގެ ކަރާމާތާއި އިއްޒަތަށް އަރައިގަތުން ކަމަށް ނުވަތަ އެ މެމްބަރަށް ވުރެ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދަން އުޅެނީ ކަމަށް ދެކޭ ބައެއް މެމްބަރުން ވެސް އުޅުއްވަ އެވެ. އަދި "ތިޔައީ ތިމަންނަގެ ދާއިރާ ނޫންހޭ، ތިކަމާ ނޫޅުއްވާށޭ" ބުނާ ފަހަރުތައް ވެސް މަދެއް ނޫނެވެ.
އެހެން ނޫނީ ދެން އޮންނާނީ އާންމު އުސޫލުން އެކަން ވެސް ސިޔާސީކޮށްލުމެވެ. އެހެން ދާއިރާތަކުގެ ރަށްރަށާ ގުޅޭ މައްސަލަތައް މަޖިލީހަށް ގެންނަނީ ސިޔާސީ ވަކި ބަޔަކަށް ގޮތުން ޖެއްސުން ކުރަން ކަމަށް ބުނެ ވެސް މުޅި މަޖިލީހުގެ ތަޅުން ސިޔާސީކޮށްލަނީ އެ ދާއިރާގެ ތަރައްޤީ އާއި ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު އެވެ. އަދި އެފަދަ އޮއިވަރުތަކުގައި ޖެހިގެން ގިނަ މައްސަލަތައް ނިމެނީ މަޖިލީހުގެ ކޮމެޓީތަކާ ހަމައަށް ވެސް ނުގޮހެވެ. އަދި ވަޒީރަކު ހާޒިރުކޮށްގެން ސުވާލެއް ކުރަން އެދެފިނަމަ ކުރަންޖެހޭ ދިގު އިންތިޒާރު ވެސް ކުޑައެއް ނޫނެވެ.
ނަމަވެސް މަޖިލީހުގެ ކޮންމެ އިންތިޚާބީ ދާއިރާއަކަށް ވަކި މެމްބަރަކު އިންތިޚާބު ކޮށްފައި ހުންނާތީ، އެ ދާއިރާއެއްގެ ކަންކަމާ މެދު ބަސް ބުނަންޖެހޭނީ ހަމައެކަނި އެ ދާއިރާއެއްގެ މެމްބަރު ކަމުގައި ގިނަ ބަޔަކަށް ވިސްނިފައި އޮންނަ ވިސްނުމަކީ މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫނެވެ. އަދި މަޖިލީހުގެ ކޮންމެ މެމްބަރަކު ވެސް މަސައްކަތް ކުރަންޖެހޭނީ އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ މަސްލަހަތަށް ވުރެ މުޅި ރާއްޖެ އާއި ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމުގައި ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އަދި މެމްބަރުންގެ ހުވާގެ އިބާރާތުގައި ވެސް އޮންނަނީ މިފަދަ ގޮތަކަށެވެ.
ގިނަ ޕާޓީ އެކުލެވޭ ދައުލަތް ހިންގުމުގެ ނިޒާމެއް ތައާރަފްކުރި ގާނޫނު އަސާސީގައި އެ މާއްދާ އެގޮތަށް ލިޔެފައި އެ އޮތީ ވެސް ކުރިން މިދެންނެވި ސިޔާސީ މައްސަލަތައް އެގޮތުގައި ދިމާވެދާނެކަން ތަސައްވުރު ކޮށްގެންނެވެ. އެއީ މިސާލަކަށް ރާއްޖޭގެ ތާރީޚާ ގުޅޭ ހއ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރަށް އިހުމާލުވާ ކަމަށް ބުނެ މައްސަލައެއް ހުށަހެޅުމަކީ އުތީމު ނިސްބަތްވާ ދާއިރާގެ މެމްބަރަށް އެކަނި ނޫނީ ނުކުރެވޭނެ ކަމެއް ކަމުގައި ބަލަން ފަށައިފިނަމަ އެއީ ހަމަޖެހޭ ކަމަކަށް ނުވާނެތީ އެވެ. އެހެންކަމުން ރާއްޖޭގެ އެންމެ މަސްވެރި އެއް ސަރަހައްދު ކަމަށްވާ ހުވަދު އަތޮޅުގެ ރަށެއްގައި މަސް ފެކްޓްރީ ނޭޅޭކަމުގެ ކަންބޮޑުވުން ވެސް ގައުމީ މައްސަލައެއްގެ ގޮތުގައި ދެކިގެން މަޖިލީހުގެ ސަމާލު ކަމަށް ގެނައުމުގެ ފުރުސަތު މާލޭގެ ދާއިރާއެއްގެ މެމްބަރަކަށް ވެސް ފަހިކޮށްދީ، އެ މަސްއޫލިއްޔަތު ހަވާލު ކުރުމަކީ ގާނޫނު އަސާސީ ފަރުމާކުރި ބޭފުޅުންގެ ވިސްނުމެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ ހުރިހާ ރައްޔިތުންގެ މެމްބަރުންނެވެ. މަޖިލީހުގައި އިންތިޚާބީ ދާއިރާތަކެއް ކަނޑައަޅައި، ކޮންމެ ދާއިރާއަކަށް ވަކި މެމްބަރަކު ހުންނަނީ އެބައެއްގެ ކަމަކާ ބެހެވޭނީ އެބައެއްގެ މެމްބަރަކަށް އެކަނި ކަމަށް ބުނާ އުސޫލަކުން ނޫނެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގެ އަދި ކޮންމެ ރައްޔިތެއްގެ ހައްޤުގައި ވެސް މަޖިލީހުގައި ވަކާލާތު ކުރުމާއި، ބުނަންޖެހޭ ބަސް ބުނުމާއި ޖަވާބުދާރީވާން ކުރުވަނިވި ނިޒާމުގެ ތެރެއިން އެކަންކަން މަޖިލީހާއި ދައުލަތުގެ ސަމާލު ކަމަށް ގެނައުމަކީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ މައްޗަށް އެއްވެސް ތަފާތެއް ނެތި ހަމަހަމަ އުސޫލަކުން މަތިވެފައި އޮންނަ ޤާނޫނީ އަދި އަޚްލާގީ ޒިންމާއެއްގެ އިތުރުން އޮންނަ ބޮޑު މަސްއޫލިއްޔަތެކެވެ. އަދި އެއީ ކޮންމެ ދާއިރާއެއްގެ މެމްބަރަކަށް ވިޔަސްމެ އެވެ.




ކޮމެންޓް (0)
ކޮމެންޓެއް ލިޔުއްވާ