އެއް ރަށެއްގެ ވެރިންގެ ވަފުދެއް، އެހެން ރަށަކަށް ކުރި "ތަޖުރިބާ ދަތުރެއް" ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަނިކޮށް އަޅުގަނޑާ ބައްދަލުވިއެވެ. ހާލުއަހުވާލު އެހުމަށްފަހު، ދަތުރުގެ މައިގަނޑު މަޤްޞަދާ ގުޅޭގޮތުން ސުވާލު ކުރުމުން ވަރަށް ދިގުކޮށް ވާހަކަދެއްކެވިއެވެ. ވަރަށް ފުރިހަމަ އެވެ. އެހެންނަމަވެސް އެ މަޤްޞަދުތައް ލިޔުމުން އެކަށައަޅާފައިވޭތޯ އެހުމުން ވިދާޅުވީ ނޫނެކޭއެވެ. ހަމައެއާއެކު، ދަތުރުގެ ތެރޭގައި ފާހަގަކުރެވުނު މުހިންމު ކަންކަމާއި، ޒިޔާރަތްކުރެވުނު ތަންތަނުގެ ތަފްޞީލާއި، ދެކެވުނު ވާހަކަތައް ނޯޓުކުރެވުނުތޯ ސުވާލުކުރުމުންވެސް ލިބުނީ ހަމަ އެ ޖަވާބެވެ. އެ ދަތުރުން އެހެން މީހަކަށް ލިބޭނޭ އެއްވެސް މަންފާއެއް ނެތީއެވެ. ވީގޮތަކާއި، ކުރެވުނު ތަޖުރިބާއެއް އޮތީ އޮތްތަނެއްގަ އެވެ. މިއީ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހިފައި އޮތް ބޮޑު މައްސަލައެކޭ ހިތަށް އަރާތާ ލައްކަ ޒަމާންވެފައި ހުއްޓައި މިކަމެއް ދިމާވުމުން، މި މައުލޫގައި އެއްޗެއް ލިޔެލާން ހިތަށް އަރައިފިއެވެ. ބޭނުމަކީ، މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމުގެ އަމަލީ މަސައްކަތެއް ފެށުމެވެ.

ތަޖުރިބާ ދަތުރުތަކަކީ ހަމައެކަނި މުނިފޫހިފިލުވައިލުމަށް ނުވަތަ ދަތުރެއް ކޮށްލުމަށް ކުރެވޭ ކަމެއް ނޫނެވެ. މިއީ ސާފު މަޤްޞަދެއްގެ މައްޗަށް ބިނާވެ، ކަމާގުޅޭ މުހިންމު މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ ހޯދައި، ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ދުރާލާ ރޭވިގެން ކުރިއަށްގެންދަންޖެހޭ ދަތުރުތަކެކެވެ. ވަކިން ޚާއްޞަކޮށް، ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން ކުރާ މިފަދަ ދަތުރުތަކަކީ ރައްޔިތުންގެ ފައިސާއިން ކުރެވޭ ޚަރަދުތަކަކަށްވާތީ، މިއީ ފުރިހަމަ ޒިންމާދާރުކަމާއި ޖަވާބުދާރީވުމާއެކު ކުރަންޖެހޭ، އަދި އެދެވޭ ނަތީޖާއެއް ޙާޞިލުކުރަންޖެހޭ މުހިންމު ކަމެކެވެ.

 މި މަގުސަދުތައް ހާސިލުކުރުމަށްޓަކައި، މިފަދަ ދަތުރުތައް ކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ފެނެއެވެ.

ދަތުރުގެ ކުރިން : ލަނދުދަނޑިތަކާއި މަޤްޞަދު ސާފުކުރުން

ކޮންމެ ތަޖުރިބާ ދަތުރެއް ފެށުމުގެ ކުރިންވެސް، އެ ދަތުރެއްގެ މައިގަނޑު ބޭނުމާއި، ޙާޞިލުކުރަން އެދޭ ނަތީޖާތައް (Objectives) ލިޔުމުން އެކަށައަޅަންޖެހެއެވެ. ސާފު އަމާޒެއް ނެތި ކުރެވޭ ދަތުރުތަކަކީ އެކަށީގެންވާ މަޢުލޫމާތު ނުލިބި، ވަގުތާއި މާލީ ވަސީލަތްތައް ބޭކާރުވެގެންދާނެ ކަމެކެވެ. އެހެންކަމުން ދަތުރުގެ ކުރިން، އެ ދަތުރުގެ މައިގަނޑު ބޭނުމާއި، އޭގެ ސަބަބުން މުއައްސަސާއަށާއި މުޖުތަމަޢަށް ލިބޭނެ ފައިދާތައް ދުރާލާ ކަނޑައެޅިފައި އޮތުން މުހިންމެވެ. ހަމަ އެއާއެކު، އެ ދަތުރުގައި ބައްދަލުކުރާނެ ފަރާތްތަކާއި، ޒިޔާރަތްކުރާނެ މަރުކަޒުތައް ވެސް ކުރިއާލާ ތާވަލުކޮށް ހަމަޖެއްސިފައި އޮންނަންޖެހެއެވެ.

ދަތުރުގެ ތެރޭގައި : މަޢުލޫމާތު ހޯދުމާއި ރެކޯޑުކުރުން

ދަތުރުގެ ޙަޤީޤީ ނަތީޖާ ފެންނާނީ ދަތުރުގެ ތެރޭގައި ކުރެވޭ ހަރުދަނާ މަސައްކަތްތަކުންނެވެ. އެގޮތުން، ބައްދަލުވާ ފަރާތްތަކާ މަޝްވަރާކޮށް މަޢުލޫމާތު އޮޅުންފިލުވުމަށް ތައްޔާރުވާންޖެހެއެވެ. މިކަން ކުރުމުގައި؛

ސުވާލުތައް އެކުލަވައިލުން : އެ ފަރާތްތަކުގެ ކާމިޔާބީގެ ސިއްރުތަކާއި، ދިމާވި ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކުރުން.

މަޢުލޫމާތު ނޯޓުކުރުން : ލިބޭ މަޢުލޫމާތުތަކާއި، ފާހަގަކުރެވޭ މުހިންމު ކަންކަން ވަގުތުން ވަގުތަށް ލިޔެ ރެކޯޑުކުރުން (Field notes). މިއީ ދަތުރަށްފަހު އެކުލަވައިލާ ރިޕޯޓުގެ މައިގަނޑު ބިންގަލެވެ.

ދަތުރަށްފަހު : ފުރިހަމަ ރިޕޯޓެއް އެކުލަވައިލުން

ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ކުރެވޭ ކޮންމެ ދަތުރަކީ އޭގެ ނަތީޖާއަށް ޒިންމާވާންޖެހޭނެ ކަމެކެވެ. އެހެންކަމުން، ދަތުރު ނިންމުމަށްފަހު ފުރިހަމަ އިވެލުއޭޝަން ރިޕޯޓެއް (Comprehensive Trip Report) އެކުލަވައިލަންޖެހެއެވެ. މި ރިޕޯޓުގައި ހިމެނެންޖެހޭ މައިގަނޑު ބައިތަކަކީ :

1.     ދަތުރުގެ ޚުލާޞާ މަޢުލޫމާތު : ދަތުރުގެ މަޤްޞަދާއި، ޒިޔާރަތްކުރެވުނު ތަންތަނާއި، ހިނގި ޚަރަދުގެ ތަފްޞީލު.

2.     ހޯދުންތައް (Findings): ދަތުރުގެ ތެރެއިން އެއްކުރެވުނު މަޢުލޫމާތުތަކާއި، ދަސްވި އައު ކަންކަން.

3.     ހުށަހެޅުންތައް (Recommendations): ދަތުރުން ލިބުނު ތަޖުރިބާގެ އަލީގައި، އަމިއްލަ މުއައްސަސާގެ ހިންގުން ނުވަތަ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ޢަމަލީ ގޮތުން ތަންފީޛުކުރެވިދާނެ ކަންކަން.

"ތަޖުރިބާ ދަތުރުތަކަކީ" ޢަމަލީ މައިދާނުން އައު މަޢުލޫމާތާއި ހުނަރު ލިބިގަނެ، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. ދަތުރުގެ ކުރިން ފުރިހަމައަށް ރޭވި، ދަތުރުގެ ތެރޭގައި އެކަށީގެންވާ މަޢުލޫމާތު އެއްކުރެވި، އަދި ދަތުރަށްފަހު ފުރިހަމަ ރިޕޯޓެއްގެ ޒަރީޢާއިން އެ މަޢުލޫމާތުތައް ޙިއްޞާކުރެވިއްޖެނަމަ، އެއީ ރައްޔިތުންގެ ފައިސާއިން އެންމެ ފައިދާހުރި ގޮތުގައި ކުރެވުނު، ނަތީޖާ ނެރެދޭނެ ދަތުރަކަށް ވެގެންދާނެއެވެ.

ދިވެހިންނަކީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ގިނައިން ދަތުރުފަތުރުކޮށް، ދުނިޔެ ހިނގާ މަގާއި ކުރިއަރާފައިވާ ޤައުމުތަކުގެ ކަންކަން ތަޖުރިބާކޮށްފައިވާ ބައެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ޤައުމުގައި ކަންކަން ހިނގަމުންދަނީ އެފަދަ ޤައުމުތަކުގައި ޢަމަލުކުރާ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ނޫންކަން އަމިއްލައަށް އިޙްސާސްކުރެވެއެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ އުސޫލުތަކާއި ޤަވާޢިދުތަކުގައި ހުރި ފުށުއެރުންތަކާއި ދެކޮޅުނުޖެހޭ ކަންކަމާ މެދު އެންމެ ބޮޑަށް އަޑުއުފުލަނީވެސް ޚުދު އަޅުގަނޑުމެންނެވެ. މިފަދަ ކަންކަން އިޞްލާޙުކޮށްދޭން ބޭރުން ބަޔަކު ނާންނާނެއެވެ. ވުމާއެކު، ހެޔޮ ބަދަލެއް ގެނައުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

ރައްޔިތުންގެ ފައިސާގައި، ދައުލަތުގެ މުވައްޒަފަކު ދަތުރެއް ކޮށްފައި އެނބުރި އަންނައިރު، އެ ދަތުރުގެ ސަބަބުން ރައްޔިތުންނަށްވީ ފައިދާއެއް އޮންނަންޖެހެއެވެ. ހާއްސަކޮށް، ތަޖުރިބާ ދަތުރެއްނަމަ، އެ ލިބުނު ތަޖުރިބާއަކީ ކޮބައިކަން ލިޔުމުން ފެންނާން އޮންނާން ޖެހެއެވެ. އެކަންކަން އެމަގުން ނުކުރެވޭނަމަ، އެފަދަ ދަތުރަކީ ހަމައެކަނި ދައުލަތުގެ މުވައްޒަފުންގެ ހިތްއުފާކޮށްލަން ކުރެވޭ ދަތުރަކަށް މެނުވީ ނުވާނެއެވެ.