ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިވެސް އަދި އާއްމު ދިރިއުޅުމުގައިވެސް، މީހުންނާއި ބައްދަލުވެ އުޅޭއިރު އެންމެ ގިނައިން އިވެނީ ޝަކުވާގެ އަޑެވެ. އެކަންވާނީ އެހެންތާއެވެ، އަދުގެ ދިވެހި މުޖުތަމައުގެ ކޮންމެ ދިމާލަކަށް ބަލައިލި ކަމުގައިވިޔަސް އިވެނީ ހަމަ އެޝަކުވާގެ އަޑުތަކެވެ. ފެންނަނީ މައްސަލަތަކެވެ. އިޖުތިމާއީ އަޚުލާގު ދަށަށް ދިއުމާއި، އާއިލީ ގުޅުންތައް ހީނަރުވުމާއި، މަގުމަތީގެ ބަދަހިކަން ގެއްލިފައިވުން ފަދަ އެތައް ކަމެއްގެ ވާހަކައެވެ. މި ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައިވާ އެންމެ ނުރަނގަޅު އެއް އާދައަކީ، ކޮންމެ މައްސަލައެއްގެ އިނގިލި އަނެކާއަށް ދިއްކުރުމެވެ. ނަމަވެސް، ހަގީގީ ހައްލަކީ އަނެކާ އިސްލާހުވުމަށް އިންތިޒާރު ކުރުމެއް ނޫނެވެ. އެއީ ތިމާ އަމިއްލައަށް އިސްލާހުވުމެވެ. ކަމެއް ހައްލުކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު އަޅާނީ ތިމާކަމަށް ވުމެވެ.
އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލުގައި ހުރި ނޭދެވޭ ކަންތައްތަކަށް ބަލާއިރު، ގިނަ ފަހަރަށް އަޅުގަނޑުމެން ކުށްވެރިކުރަނީ ނިޒާމެވެ. ނުވަތަ މުއައްސަސާތަކެވެ. ނޫންނަމަ އެހެން މީހުންނެވެ. މަގުމަތީގައި ކުނި ގިނަވުމުން އެއީ "މީހުން" ކުރާ ކަމެއް ކަމަށް ބުނެ ފުއްދާލަނީއެވެ. ދޮގާއި މަކަރުވެރިން އިތުރުވުމުން އެއީ "ދުނިޔެ" އޮތް ގޮތް ކަމަށް ބުނެ އަމިއްލަ ނަފުސު ބަރީއަކުރަނީއެވެ. ހަގީގަތަކީ މުޖުތަމައަކީ ފަރުދުންގެ އެކުލެވުމެކެވެ. ފަރުދުން ރަނގަޅުނުވެ މުޖުތަމައެއް ރަނގަޅެއް ނުވާނެއެވެ. ކޮންމެ މީހަކުވެސް އަނެކާ އިސްލާހުވާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ހުންނަނަމަ، އެ ދުވަހަކަށް ދުވަހަކުވެސް އިރެއް ނާރާނެއެވެ.
މާތްވެތި އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އަމިއްލަ ނަފުސު އިސްލާހުކުރުމުގެ މުހިންމުކަމެވެ. ކީރިތި ގުރުއާނުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ބައެއްގެ ކިބައިގައިވާ ކަންތައްތައް، އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށްދާންދެން، މާތްﷲ އެބައެއްގެ ހާލަތު ބަދަލެއް ނުކުރައްވާނެތެވެ." މިއީ މުޖުތަމައެއް އިސްލާހުވުމުގެ އަސާސީ ގާއިދާއެވެ. ތިމާގެ އުޅުމާއި، ވާހަކަދެއްކުމާއި، މީހުންނާ މެދު ބަހައްޓާ ގުޅުން އިސްލާމީ ރަނގަޅު އުސޫލުތަކަށް ފައްތައިފިނަމަ، އޭގެ ހެޔޮ އަސަރު މުޅި މުޖުތަމައަށް ކުރާނެއެވެ.
އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ގިނަކަމާއި އޭގެ އުނދަގޫ ގޮސްފައިވާ ހިސާބުން މިހާރު ފައިމަގުގައި ހިނގާބިނގާވެ އުޅެންވެސް ވަނީ ދަތި އުނދަގޫކަމަކަށްވެފައެވެ. އިންޖީނުލީއެއްޗެއްގައި މެނުވީ ކައިރި ތަންތަނަށްވެސް ދިޔުމަކީ ކުރަންބޭނުންވާކަމެއް ނޫނެވެ. އެތަކެތި މަދުކުރުމަށް ޤަވާއިދެއް ނުވަތަ ޤާނޫނަކަށް އިސްލާހެއް ގެނައުމަކީވެސް ގިނަބައެއްގެ ނުރުހުން ލިބޭކަމަކަށް އޮންނަނީ ވެފައެވެ.
ލައިސަންސެއް އާކޮށްލަންވިޔަސް، ޕާސްޕޯޓެއް ހަދަންކަމުގައިވިޔަސް، އައިޑީ ކާޑެއް ހެއްދުމަށްވިޔަސް، އޮފީހަކުން ކުރަން ބޭނުންވާ ކޮންމެ ކަމެއްކުރަންވިޔަސް، އަބަދުވެސް މިބެލެނީ 'ރައްޓެއްސަކު' އޭގެންތަނެއްގައި ވަޒީފާއަދާކުރޭތޯއެވެ. އަވަސްކުރަންވެގެންނެވެ، ވަޤުތު އޮއްވާ ކަންކަމާއި އުޅޭތަން ފެންނަނީ މަދު މީހެކެވެ ފަހު ވަޤުތު ކޮންމެވެސް ގޮތަކުން ކަންކަން ކުރެވޭނޭ ކަމުގެ ޔަޤީންކަން އޮންނަނީބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި އަނިޔާ ލިބޭމީހުން ފަރުވާއާއި ހިސާބަށް ގެންގޮސްދިނުމުގެ ބަދަލުގައި ވެގެންއުޅޭގޮތެއް ހޯދާން އުޅުމާއި އެކަމުގެ މައުލޫމާތު ސޯޝަލް މީޑިއާއަށް އެންމެ ފުރަތަމަ ދޫކޮށްލާ މީހަކަށް ތިމާ ވުމުގެ ބޭނުމުގައި ހަރަކާތްތެރިވާ މީހުން ފެންނަލެއް މަދެއް ނޫނެވެ.
އިސްލާހީ ބަދަލަކީ ކުދިކުދި ކަންތައްތަކުން ފެށޭ އެއްޗެކެވެ. މަގުމަތީގައި ހިނގާފައި ދާއިރު ހިނިތުންވެލުމާއި، މީހަކަށް ދަތިވާނެހެން ކަމެއް ނުކުރުމާއި، ދުވަސްވީ މީހުންނަށާއި، ކުޑަކުދިންނަށް އިސްކަންދިނުމާއި، ތެދުވެރިކަން އިސްކުރުމަކީ ތިމާގެ ފަރާތުން ފެށިދާނެ ކަންކަމެވެ. ތިމާ އިސްލާހުވުމުން، ތިމާގެ އާއިލާއަށް އެކަމުގެ އަސަރުކުރެއެވެ. އާއިލާ ރަނގަޅުވުމުން އަވަށްޓެރިންނަށް އެކަމުގެ ނަމޫނާ ލިބެއެވެ. މިގޮތަށް ގޮސް މުޅި ގައުމު އިސްލާހުވުމުގެ ބިންގަލަކީ ހަމަ ކޮންމެ ފަރުދެއްގެ އަމިއްލަ ނަފުސެވެ.
މުޖުތަމައުގައި ހުރި މައްސަލަތަކުގެ ޝަކުވާ ކުރުމުގެ ބަދަލުގައި، ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާ ސުވާލުކޮށްލަން ވެއްޖެއެވެ. "މި މައްސަލަ ހައްލުކުރުމުގައި ތިމާގެ ދައުރަކީ ކޮބައިހެއްޔެވެ؟" އަދި "މަގޭ ކިބައިގައި އިސްލާހުކުރަންޖެހޭ ކަމެއް އެބަހުރިހެއްޔެވެ؟" މި ސުވާލުތަކުގެ ޖަވާބު ހޯދައި، އަމިއްލަ ނަފުސު އިސްލާހުކުރަން ފަށައިފިނަމަ، މުޖުތަމައުން ފެންނަ މައްސަލަތައް މަދުވެ، އުފާވެރި އަމާން މާހައުލެއް ބިނާވެގެންދާނެއެވެ. ހަގީގަތުގައިވެސް، ބަދަލު ފެށެނީ ތިމާގެ ކިބައިންނެވެ.




ކޮމެންޓް (0)
ކޮމެންޓެއް ލިޔުއްވާ