މާލޭ ސިޓީ ކައުންސިލްގެ ބިންތަކާއި އިޚްތިޞާޞް ސަރުކާރަށް ނެގުން
އާ ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތަޢާރަފުކުރެވި، ވަކިވަކި ރަށްތަކުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މިވަނީ އުފައްދާފައެވެ. އަދި އެ ކައުންސިލްތަކަށް ބާރުދިނުމަށް ގާނޫނުތަކެއް ވުޖޫދުކުރެވި، އެ ގާނޫނު ތަކުގެ ދަށުން ކައުންސިލްތަކަށް ބާރުތައް ދީފައިވަނީ ވަރަށް މުހިންމު ބޭނުމެއްގައެވެ. އެއީ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ ކަންކަން ނިންމުމާއި، އެ ރަށެއްގެ ތަރައްގީއާއި އިގްތިސާދު ކުރިއެރުވުމަށް އެ ރަށެއްގެ ކައުންސިލެއްގެ ބެލުމުގެ ދަށުން ކަންކަން ކުރުމަށް ފުރުސަތު ދިނުމަށެވެ.
ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންކަން ވަރަށް ސާފުކޮށް އޮތީ ބަޔާންކޮށްދީފައެވެ. ކަންމިހެން އޮތްއިރުވެސް އެކި ކައުންސިލްތަކަށް ލާމަރުކަޒުކޮށް ކަންކަން ކުރުމަށް ލިބިފައިވާ ފުރުސަތުތައް ހަނިކޮށް ، ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުން އަންނަ ވާހަހަކައިގެ އަޑު އަބަދުވެސް މިދަނީ އިވެމުންނެވެ. މީގެތެރެއަށް އެންމެ ފަހުން އިތުރުވެގެން ދިޔަ ބޮޅަކީ، މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސް ތެރޭގައިވާ ހިމެނޭ ބިންތަކުގެ ތެރެއިން ބައެއް ބިންތައް ، ސިޓީކައުންސިލްގެ އިހްތިސާސުން ވަކިކޮށް ސަރުކާރުގެ ދަށަށް ގެންދިއުމެވެ. މިކަމާއި ގުޅިގެން މިވަނީ މިހާރު ހޫނު ބަހުސްތަކެއް ފެށިފައެވެ. ސަރުކާރުން މިކަން ކޮށްފައިވާގޮތަށް ގާނޫނީގޮތުން ނުކުރެވޭނެކަމަށް ބުނެ ސިޓީ ކައުންސިލުން ވަނީ ކޯޓަށް ދާނެކަމަށްވެސް ބުނެފައެވެ.
ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ނ) ގައި ކައުންސިލްތަކުގެ އިހްތިސާސް ގާނޫނުގައި ކަނޑައަޅައިފައި އޮންނާންވާނެ ކަމަށް ބަޔާންކުރެވިފައި ވެއެވެ. އަދި ލާމަރުކަޒީ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ކޮންމެ ކައުންސިލަކަށްވެސް ވަކި އިޚްތިޞާޞްތަކެއް އޮތީ ކަނޑައެޅިފައެވެ. އެ ޤާނޫނުގެ 56-2 ވަނަ މާއްދާގެ (ހ) ގައި "ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި، ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށް" މިހެން ބުނެފައި އެބައޮތެވެ. އަދި ހަމަ އެ ގާނޫނުގެ 39 ވަނަ މާއްދާގެ (ކ) ގެ ދަށުން ސިޓީ ކައުންސިލަށް ސިޓީއެއްގެ ބިންބިމާއި ފަޅާއި ފަރާއި، އަދި އެހެންވެސް އިގްތިސާދީ މަންފާ ލިބެނިވި ވަސީލަތްތައް ބެލެހެއްޓުމާއި ތަރައްގީ ކުރުމުގެ ބާރު ލިބިދީފައި އެބައޮތެވެ.
ތެދެކެވެ.ގައުމީ ބޮޑެތި މަޝްރޫއުތަކަށް ކޮންމެހެން ބިން ބޭނުންވުމުން، ގާނޫނީ އިމުގެ ތެރެއިން ސަރުކާރަށް އެ ބިން ހޯދުމުގެ ކޮންމެވެސް އިންތިޒާމެއް އޮތުމަކީ ރަނގަޅު ކަމެކެވެ. މި ފަދަ ބޭނުންތަކަށް ޤާނޫނު ނަންބަރު 17/2026 ލާމަރުކަޒީ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ގެ ދަށުން އެ ގާނޫނުގެ 56-2 ވަނަ މާއްދާގެ (ނ) މިވަނީ މިހާރު އިސްލާހުކޮށްފައެވެ.
ގާނޫނަށް އަލަށް ގެނެވުނު އިސްލާހުގެ ދަށުން ، ސަރުކާރުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްގެ އިހްތިސާސް ދަށުގައި ހިމެނޭ ބިމާއި ތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް މިހާރު އޮތީ ބާރު ދީފައެވެ. މިގޮތަށް ވަކި ކުރުމުން އެފަދަ ބިމެއް ކައުންސިލްގެ އިހްތިސާސުން ވަކިކުރެވޭއިރު ، ދެން އެ ބިމަކަށް ބާރު ހިނގާނީ ސަރުކާރަށެވެ.
ނަމަވެސް، ސަރުކާރަށް މިފަދަ ކަމެއް ނިންމުމަށް ގާނޫނުން ބާރުދީފައިވާއިރު ، އެ ބާރު ބޭނުންކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޝަރުޠުތައްވެސް ހަމަ އެ ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ. މީގެ ތެރޭގައި އެ މަޝްރޫއެއްގެ މައުލޫމާތު އާންމުކުރުމާއި، އެފަދަ މައުލޫމާތު ކައުންސިލާއި ހިއްސާކޮށް ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯދުންވެސް ހިމެނެއެވެ. އެފަދަ ނިންމުމަކަށް ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތެއްވެސް ދޭންޖެހެއެވެ.
އަދި ކައުންސިލްގެ ދަށުގައިވާ ބިންތަކަކީ ގިނަފަހަރު ކައުންސިލްތަކުން ތަރައްގީކުރުމަށް އެކިވަރުގެ ހޭދަތައް ކޮށްފައިވާ ތަންތަން ކަމަށްވުމުން ، އެފަދަ ތަންތަނަށް އެކަށީގެންވާ ބަދަލު ދިނުންވެސް އޮތީ ހިމަނާފައެވެ. އެހެންކަމުން، ބިމަކަށް އިހްތިސާސް ލިބިފައިވާ ކައުންސިލްތަކާ އެއްވެސް މަޝްވަރާއެއް ނުކޮށް، ބިންތައް އަތުލުމަކީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމަށް ހުރަސްއެޅޭ ، ލާމަރުކަޒީ ނިޒާމުގެ ރޫހާވެސް ހިލާފަށް ކުރެވޭ ކަމަކަށްވާނެއެވެ.
ކައުންސިލްގެ ބިންތަކުން ލިބޭ ކުއްޔާއި ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީއަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށާއި، މުނިސިޕަލް ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މައިގަނޑު މަސްދަރެވެ. ޤާނޫނީ ގޮތުން ކައުންސިލްތަކަށް ލިބިދީފައިވާ މިފަދަ މާލީ ބާރުތައް ހަނިކޮށް ބިންތައް ސަރުކާރަށް ނަގާނަމަ، ކައުންސިލްތައް މާލީ ގޮތުން މައި ސަރުކާރަށް ބަރޯސާވާ މިންވަރު ދާނީ އިތުރުވަމުންނެވެ. ލާމަރުކަޒީ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ (9) ގައި ކައުންސިލަށް އާމްދަނީ އިތުރުކުރުމަށް ކުރެވޭ ކަންކަމުގެ ތެރޭގައި ކުއްޔަށް ދޫކުރެވިފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުން ނަގާ ކުލި ހިމެނެއެވެ. މިހާރު މާލޭސިޓީ ކައުންސިލުން ވަކިކޮށްފައިވާގޮތަށް ބިމެއް ސަރުކާރަށް ނެގުމާއެކު، އެ ބިމުން އެ ކައުންސިލަށް ލިބޭ ކުލި ގެއްލިގެންދާކަމެވެ.
ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު އެއް ބާރަކީ ރައްޔިތުން އިންތިހާބުކުރާ ކައުންސިލް މެދުވެރިކޮށް ރަށެއް ނުވަތަ ސިޓީއެއްގެ އެންމެހާ ކަންކަން ނިންމުމެވެ. ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުގައި ހުންނަންޖެހޭ ތަންތަން ނުވަތަ ބިންތައް ސަރުކާރުގެ ވަކި އިދާރާތަކަކަށް ނެގުމުން، ރައްޔިތުންނަށް އެތަންތަނާ ގުޅޭގޮތުން ސުވާލުކުރުމުގެ ގާނޫނީ ހައިސިއްޔަތާއި ފުރުސަތު ހަނިވެގެންދެއެވެ. ސަބަބަކީ އެފަދަ ތަންތަން ސަރުކާރުގެ ސިޔާސަތުތަކުގެ ދަށަށް ބަދަލުވުމެވެ.
ލާމަރުކަޒީ ގާނޫނުގެ މުޅި މަގްސަދަކީވެސް ދައުލަތުގެ ބާރުތައް އެއްތަނަކަށް ދަމަހައްޓައިގެން ތަރައްގީ ގެނައުމުގެ ބަދަލުގައި، ބާރުތައް ދޫކޮށްގެން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމެވެ. މާލޭ ސިޓީ ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގިގޮތަށް ނެގުމުގެ ސަބަބުން، ކައުންސިލްތަކުގެ ގާނޫނީ ބާރުތައް ނެތިގެންދާނެއެވެ. މިއީ އެފަދަ ކައުންސިލްތަކަށް މާލީ ދަތިތަކާ ކުރިމަތިވެ، މުޅި ނިޒާމަށް ލިބޭނެ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. އެހެންކަމުން، ސަރުކާރުން ގައުމީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމަށްވެސް، ގާނޫނުގެ 56-2 ވަނަ މާއްދާއާއި 68 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރަންޖެހެއެވެ. އެފަދަ ހާލަތްތަކުގައި ކައުންސިލްތަކާ ރަނގަޅަށް މަޝްވަރާކޮށް، ކައުންސިލްގެ ހިޔާލުތަކަށް ރިއާޔަތްކޮށް އެފަދަ ނިންމުންތައް ނިންމުމަށް އިސްކަންދޭންޖެހެއެވެ. އަދި އެފަދަ ތަނެއްގައި ކައުންސިލްގެ ބެލުމުގެ ދަށުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް އެކަށީގެންވާ ބަދަލު ދީ، ދެ ފަރާތަށް ލިބިފައިވާ އިހްތިސާސްތަކަށްވެސް އިހްތިރާމްކޮށްގެން މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަސްލަހަތަށްޓަކައި އެންމެ އެދެވިގެންވާ ގޮތެވެ.




ކޮމެންޓް (0)
ކޮމެންޓެއް ލިޔުއްވާ