ރަސްމީކޮށް ބޭންކުތަކުން ޑޮލަރު ވިއްކަނީ ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓުގައެވެ. ނަމަވެސް ބޭންކިން ނިޒާމުގެ ތެރެއިން ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބޭތީ، ރަސްމީ ނިޒާމުން ބޭރުގައި ޑޮލަރުގެ އަގު މިއަހަރު 21 ރުފިޔާއިން މައްޗަށް އަރައި، ރެކޯޑް މިންވަރަކަށް ވަނީ ގޮސްފައެވެ..

ޑޮލަރުގެ އަގު މައްޗަށް ދިއުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަށް ބަލާލާނަމެވެ.

އޭޕްރީލް 2026 ގައި 500 މިލިއަން ޑޮލަރުގެ ސުކޫކާއި 400 މިލިއަން ޑޮލަރުގެ އިންޑިއާ ކަރަންސީ ސްވޮޕް އަދާކުރުން. މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް 600 މިލިއަން ޑޮލަރަށްވުރެ ބޮޑު ބޭރު ދަރަނީގެ އަދާކުރުންތަކެއް ހުރުން.

ފަތުރުވެރިކަމުގެ ދަށް މޫސުމާއެކު ގައުމަށް ޑޮލަރު ވަންނަ މިންވަރު މަދުވުން.

ދައުލަތުގެ ޚަރަދު ބޮޑުވެ، ފިސްކަލް ޑެފިސިޓް ދެމިއޮތުން.

ދިވެހިރާއްޖެއަކީ ކާބޯތަކެއްޗާއި ތެޔޮ ފަދަ ގާތްގަނޑަކަށް ހުރިހާ އެއްޗެއް އިމްޕޯޓްކުރާ ގައުމަކަށްވާތީ، އިމްޕޯޓްކުރާ ފަރާތްތަކުން މަތީ އަގުގައި ޑޮލަރު ހޯދަން ކުރާ އިތުރު ޚަރަދު ސީދާ ފިހާރައިގެ އަގުތަކުގައި ޖެހެއެވެ. މިއީ "އިމްޕޯޓެޑް އިންފްލޭޝަން" އެވެ.

 ފަރުދަކަށް އެކްސްޗޭންޖް ރޭޓަށް ބަދަލެއް ނުގެނެވޭނެއެވެ. ފަރުދަކަށް ކުރެވޭނީ، އެ ބަދަލުގެ ސަބަބުން އަމިއްލަ ގޭބިސީގެ ބާރު ގަނެވޭ މިންވަރު ދަށްވާ މިންވަރު ކުޑަކުރުމަށް މަސައްކަތްކުރުމެވެ.

 އަދި ފާހަގަކުރަންޖެހޭ މުހިންމު ނުކުތާއެއް އެބައޮތެވެ. ފަރުދުން "ރައްކާތެރިވުމަށް" ކުރާ ބައެއް ކަންކަން — ޚާއްޞަކޮށް ބޭނުމެއް ނެތި ޑޮލަރު ގަނެ ރައްކާކުރުމާއި، ބިރުވެރިކަމުގައި އެއްފަހަރާ ބާޒާރުކުރުން — އެންމެން އެއްފަހަރާ ކުރުމުން ޑިމާންޑް އިތުރުވެ، މުޅި ބާޒާރުގައި އަގު އިތުރަށް މައްޗަށް ދެއެވެ. މިއީ ފަރުދަކަށް ބުއްދިވެރި ކަމަކަށް ވީނަމަވެސް، މުޅި މުޖުތަމަޢަށް ގެއްލުންހުރި ކަމެކެވެ.

ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަން

ހ. ޚަރަދު ދެނެގަނެ ބަޖެޓްކުރުން — ފާއިތުވި 2-3 މަހުގެ ޚަރަދު ލިޔެ، ކޮންމެހެން ބޭނުންވާ ޚަރަދާއި ފަސްކުރެވިދާނެ ޚަރަދު ވަކިކުރުމެވެ. އިންފްލޭޝަން ބޮޑުވާ ދުވަސްވަރު އެންމެ ފުރަތަމަ ބޭނުންވަނީ ސީދާ ފިގަރތަކެވެ.

ށ. އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުން — އިމްޕޯޓްކުރާ ބާވަތްތަކުގެ ބަދަލުގައި ދިވެހި މަހާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމުން، ގޭބިސީގެ ޚަރަދުގައި ސީދާ ޑޮލަރުގެ އަގާ ގުޅިފައިވާ ބައި ކުޑަވެގެންދެއެވެ.

ނ. ފައިސާގެ ބާވަތުގެ ފަރަގަށް ސަމާލުވުން  — އާމްދަނީ ލިބެނީ ރުފިޔާއިން ކަމަށްވެފައި، އަނބުރާ ދައްކަންޖެހެނީ ޑޮލަރުން ކަމަށްވާ ދަރަންޏެއް ނުވަތަ ކޮމިޓްމަންޓެއް ނެގުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހެއެވެ. ރޭޓް މައްޗަށް ދާވަރަކަށް އެ ބުރަ ބޮޑުވަމުންދާނެއެވެ.

ރ. ބޭރު ފައިސާ ބޭނުންވާ ޚަރަދު ދުރާލައި ރޭވުން — ބޭސްފަރުވާ، ކިޔެވުން، އަދި ދަތުރުފަތުރު ފަދަ ކަންކަން، ހައްޖު/އުމްރާ އަދި ސްކޫލް ބަންދާ ދިމާވެ، ފަތުރުވެރިކަމުގެ ދަށް މޫސުމުގައި (މޭ – އޯގަސްޓް) ޑިމާންޑް އެންމެ ބޮޑުވާ ދުވަސްވަރުން ދުރުކުރެވޭތޯ ބެލުމެވެ.

ބ. ޑޮލަރު ގަނެ ރައްކާކުރުމަކީ ރައްކާތެރި ހައްލެއް ނޫން — ގަންނަ އަގާއި ވިއްކާ އަގުގެ ފަރަގު ބޮޑެވެ. އަދި ސިޔާސަތު ބަދަލުވެ ރޭޓް ދަށްވެއްޖެނަމަ ސީދާ ގެއްލުމެކެވެ. މިއީ ރައްކާތެރިކުރުމެއް ނޫނެވެ؛ ބާޒާރުގައި ޖަހާ ޖުވާއެކެވެ.

ޅ. އެންމެ ބާރުގަދަ ހެޖަކީ ބޭރު ފައިސާއިން އާމްދަނީ ލިބޭ މަގެއް — ރިމޯޓް މަސައްކަތް، ކޮންސަލްޓަންސީ، ނުވަތަ ފަތުރުވެރިކަމާ ގުޅޭ ޚިދުމަތެކެވެ. ޑޮލަރުން އާމްދަނީ ލިބޭނަމަ، ރޭޓް މައްޗަށް ދިއުމަކީ ގެއްލުމެއް ނޫނެވެ.

ކ. ހަކަތައާއި ދަތުރުފަތުރުގެ ޚަރަދު ކުޑަކުރުން — 2022 އިން 2024 އަށް ތެޔޮ އިމްޕޯޓްކުރުމަށް އެމް.އެމް.އޭ ގެ ފޮރިން އެކްސްޗޭންޖް ވިއްކުމުގެ އެވަރެޖްކޮށް 49 އިންސައްތަ ހޭދަވެފައިވާތީ، ގޭބިސީގެ ފެންވަރުގައިވެސް މިއީ އަސަރުކުރާ ބައެކެވެ.

އ. އަޑުއިވޭ ވާހަކައަށްވުރެ ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ނިންމުން — ހުރިހާ ބާވަތެއްގެ އަގު އެއް މިންވަރަކަށް މައްޗަކަށް ނުދެއެވެ. އަމިއްލަ ގޭބިސީގެ ބާސްކެޓަށް އެންމެ ބޮޑަށް އަސަރުކުރާ ބައިތައް ދެނެގަނެގެން ނިންމުން ނިންމުމަކީ، ޢާންމު އިޙްސާސްގެ މައްޗަށް ބިނާކޮށް ނިންމުމަށްވުރެ މާ ފައިދާހުރި ގޮތެކެވެ.

މި މައްސަލައިގެ ހަގީގީ ހައްލު އޮތީ ފަރުދުންގެ އަތުގައެއް ނޫނެވެ. މައިގަނޑު ސްޓްރެސްއަކީ ބޭރު ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާގެ ޑިމާންޑެވެ. މިއީ ސީދާ ދެމިއޮތް ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ޚަރަދު ބޮޑުވަމުންދިއުމާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން ދެމެހެއްޓެނިވި ހައްލަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމާއި، ދަރަނި ބެލެހެއްޓުމާއި، ރިޒާވް ވަރުގަދަކުރުމެވެ.

ފަރުދެއްގެ ހައިސިއްޔަތުން މީގައި ދެވޭނެ އެންމެ ބޮޑު ހިއްސާއަކީ، ޢާންމު ބަހުސްގައި ބައިވެރިވުމާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ ޖަވާބުދާރީވުން ހޯދުމެވެ.

ނޯޓް: މިއީ ޢާންމު މަޢުލޫމާތެކެވެ. ފައިސާއާ ގުޅޭ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ފަންނީ ލަފާ ހޯދުން ބުއްދިވެރިއެވެ.