ދުނިޔެ މިއަދު މިވަނީ ހީވެސް ނުކުރާހާ ހަލުވި ދުވެއްޔެއްގައި ދަތުރުކުރަން ފަށާފައެވެ. އިންސާނާގެ ދިރިއުޅުމުގެ އާދަކާދަތަކަށް އައި ބޮޑެތި ބަދަލުތަކާއެކު، ކޮންމެ މީހެއްގެ ދުލުންވެސް މިއަދު އެންމެ އާންމުކޮށް އިވޭ އެއް ބަހަކީ "ބިޒީ" މި ބަހެވެ. ނަމަވެސް، މި ދެންނެވި "ބިޒީ" ކަމުގެ ފަރުދާގެ ފަހަތުގައި ފޮރުވިފައިވަނީ އިންތިހާ ދަރަޖައިގެ ކަންނެތްކަމާއި، ޒިންމާދާރުކަން ކުޑަވުމުގެ ހިތްދަތި ހަގީގަތްތަކެކެވެ. މުޖުތަމައެއްގައި ނުވަތަ އިދާރާއެއްގައި ކަންކަން ނުވެ ފުނިޖެހެމުންދަނީ ވަގުތު ނެތިގެންނެއް ނޫނެވެ. އެކަންކަން ކުރާނޭ އިޚުލާޞްތެރި ނިޔަތެއް އަދި ތެދުވެރިކަމެއް ނެތީމައެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރީގެ ތަޖުރިބާއަކަށް ބަލާލަމާ ހިނގާށެވެ. އަޅުގަނޑު ރަށެއްގެ ކައުންސިލަށް މުހިއްމު ބޭނުމެއްގައި ސިޓީއެއް ފޮނުވީމެވެ. އެ ސިޓީގެ ޖަވާބު އަޅުގަނޑަށް ލިބުނީ ތިންމަސް ދުވަސް ފަހުންނެވެ. އޭރު އެކަމުގެ މުއާލާތް ކެނޑި، ކުރަން އުޅުނު ކަންތައް އޮތީ މާޒީވެ ގޮސްފައެވެ. ބައްދަލުވުންތަކާއި، ރަސްމީ ސައިތަކާއި، ކޮފީ ބައްދަލުވުންތަކުގައި އެ ބޭފުޅުން އެ އުޅުއްވަނީ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް ވެދާނެއެވެ. ނަމަވެސް، އެ ބޭފުޅުންގެ އެ ދިގު "ބިޒީ" ތާވަލުން، ރައްޔިތަކު ފޮނުވި ސިޓީއަކަށް ޖަވާބު ދޭނެ ފަސް މިނެޓުގެ ވަގުތުކޮޅެއް ނުފެނުނު ކަމީ ހިތާމަހުރި ކަމެކެވެ. މިއީ ވަގުތު ނެތުމެއް ނޫނެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫހު ނެތުމެވެ.

ދެން އޮތީ އަޅުގަނޑުމެންގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ވާހަކައެވެ. މަގުމަތިން ނަޖިސް ބޭރުވެ، މުޅި ސަރަހައްދުގައި ކުނިވަސް ދުވާއިރު، އާންމު ރައްޔިތުން ތިބީ ސިއްހީ ނުރައްކަލެއްގެ ތެރޭގައެވެ. ނަމަވެސް، އެ ކުންފުނީގެ އަހަރީ ރިޕޯޓުތައް ފެންނައިރު، ކުންފުންޏަށް މިލިއަނުން ފައިދާވާ ކަމަށް ދައްކައެވެ. ސުވާލަކީ، މި ފައިދާއަކީ ކުރަންޖެހޭ މަރާމާތުތައް ނުކޮށް، ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުން ރެކިގެން ހޯދާ ފައިދާއެއް ބާވައެވެ؟. ކުންފުނީގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓު ތިއްބެވީ މާ "ބިޒީ" ކޮށެވެ. އަމިއްލަ މުސާރަ ބޮޑުކުރުމާއި، އިނާޔަތްތައް އިތުރުކުރުމުގެ މަޝްވަރާތަކުގައި އެ ބޭފުޅުންގެ ވަގުތު ހުސްވަނީއެވެ. މަގުމަތީގައި ބޭރުވާ ނަޖިހާއި އާންމުންގެ އުނދަގުލަށްވުރެ، އެ ބޭފުޅުންގެ އަމިއްލަ އަރާމާއި "ބިޒީ" ކަން މާ މުހިންމު ވެއްޖެއެވެ.

މިއީ ސައްތައަކުން ސައްތަ މުސްލިމް ގައުމެކެވެ. ކޮންމެ ހުކުރު ދުވަހަކު މިސްކިތުގެ ފުރާޅުތަކުގެ ދަށުން އިވެނީ އިގްތިސާދު ކުރުމުގެ މަތިވެރި ނަސޭހަތެވެ. އިސްރާފު ނުކުރުމުގެ މުހިންމުކަމެވެ. ނަމަވެސް، ހިތާމައަކީ އެ މިސްކިތްތަކުގެ އޭސީތަކާއި ބޮކިތައް، ނަމާދު ވަގުތު ނޫން ގަޑިތަކުގައިވެސް ހުންނަނީ ޖެއްސި ގޮތަށް ނިވާލާނެ މީހަކު ނެތިފައެވެ. ކަރަންޓަކީ ދައުލަތުން ބޮޑު ޚަރަދެއް ކުރާ އެއްޗަކަށް ވާއިރު، މި ފާޅުކަން ބޮޑު އިސްރާފު ހުއްޓުވަން އުޅޭނެ މީހަކު ނެތެވެ. މިސްކިތްތަކުގެ ކަންކަން ބަލަހައްޓަން ތިބި މުވައްޒަފުންނާއި، ކަމާބެހޭ އިދާރާތަކުގެ ވެރިންވެސް އުޅެނީ ވަރަށް "ބިޒީ" ކޮށެވެ. އޭސީގެ ފިތަށް އޮބާލާނެ ފަދަ ހުސް ފަސް ސިކުންތުގެ ވަގުތުކޮޅެއް އެ ބޭފުޅުންގެ "ބިޒީ" ދިރިއުޅުމަކުން ނުފެނެއެވެ. މިއީ ދީނީ ގޮތުންނާއި ގައުމީ ގޮތުން އޮތް ޒިންމާއަށް އިހުމާލުވުމެވެ.

އަޅުގަނޑުމެންގެ މުޖުތަމައުގައި ކަންކަން ނުވެ ފުނިޖެހެނީ ވަގުތު ނެތިގެންނެއް ނޫނެވެ. ކޮންމެ މީހަކުވެސް "ބިޒީ" ކަމުގެ ލޭބަލް އަޅުވައިގެން އުޅެނީ އަމިއްލަ ޒިންމާއިން ރެކުމަށެވެ. ކަންކަން ނުވަނީ ހަގީގަތުގައިވެސް ކަންކަން ކުރަން ނޫޅޭތީއެވެ. އިޚުލާޞްތެރިކަމެއް ނެތި، ހަމައެކަނި "ބިޒީ" ކަމުގެ މާސްކު އަޅައިގެން ތިބުމުގެ ނަތީޖާއަކީ ގައުމުގެ ހިންގުން މަޑުޖެހި، ތަރައްގީގެ ދުވެލި ފަސްވުމެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރާނޭ ބަޔަކު ނެތް ނަމަ، މި ދެއްކުންތެރި "ބިޒީ" ކަމުގެ ތެރޭގައި މުޅި ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ. ކަންކަން ވާނީ، ކަންކަން ކުރަން އުޅުނީމައެވެ. "ބިޒީ" ކަމަކީ އިހުމާލުވުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ.