ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު އެންމެ އުންމީދީ އެއް ބަދަލަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގަން ފެށުމެވެ. މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި، އަމިއްލަ ރަށުގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ދިނުމެވެ. ނަމަވެސް، މިއަދު ފެންނަމުންދަނީ ސަރުކާރުން މަރުކަޒީކޮށް ރަށްރަށުގެ ބިމާ މެދު ގޮތް ކަނޑައަޅައި، ބާރުތައް އެއްތަނަކަށް ޖަމާކުރަން (ސެންޓްރަލައިޒްކުރަން) އުޅޭ މަންޒަރެވެ. މިއީ މުޅި ލާމަރުކަޒީ ނިޒާމު ފަހަތަށް ސަވާރުކުރުވާ، އޭގެ ސަބަބުން ރަށްރަށަށް އެތައް ގެއްލުންތަކެއް ލިބިގެންދާނެ ނުރައްކާތެރި މިސްރާބެކެވެ.
ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން އިންތިޚާބުތައް ބާއްވައި، ރައްޔިތުންގެ ފަރާތުން ބަސްބުނާނެ މަންދޫބުން ހޮވުމުގެ ޙަޤީޤީ މާނައެއް މިއަދު މިވަނީ ގެއްލިފައެވެ. ކައުންސިލްތަކަކީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށްފައިވާ ބަޔަކަށްވާއިރު، އެ ރަށެއްގެ ބިމާ މެދު ގޮތް ނިންމުމުގައި ކައުންސިލްގެ ބަހެއް ނެތުމަކީ ރައްޔިތުންގެ ނިންމުމަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެކެވެ. ކައުންސިލްތަކުގެ ދައުރު ކުޑަކޮށް، ކައުންސިލްތަކުގެ ބަހެއް ނެތި ކެބިނެޓަށް ބިންތައް ނެގުމަކީ ލާމަރުކަޒީ އުޞޫލުގެ އަސާސީ ރޫޙާ މެދު ސުވާލު އުފެދި، ރައްޔިތުންގެ ބާރުވެރިކަން މުޅިން ނިގުޅައިގަނެވިގެންދާނެ ކަމެކެވެ.
މިފަދަ އިސްލާހުތަކުގެ ސަބަބުން ރަށްރަށުގެ ޕްލޭނިންގ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރައެވެ. ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ނުލައި ބިން ޙަވާލުކުރެވިގެންދިއުމާއި، ރަށުގެ ދުރުރާސްތާ ތަރައްޤީގެ ޕްލޭނަށްވުރެ ސަރުކާރުގެ ކުއްލި މަޝްރޫޢުތަކަށް އިސްކަންދޭން މަޖުބޫރުވުމަކީ ރަށުގެ ތަރުތީބު ގެއްލި، މުސްތަޤުބަލަށް ރޭވިފައިވާ މުހިންމު ކަންކަން ހުއްޓުމަކަށް އަންނާނެ ސަބަބެކެވެ. ކައުންސިލްތަކަކީ މާލީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި، ރަށުގެ އިހުތިސާސްގައިވާ ބިންތަކުން ނަފާ ހޯދުމުގެ ފުރުސަތު އޮންނަންޖެހެއެވެ. އެ ފުރުސަތު ނިގުޅައިގަތުމަކީ ތަރައްޤީގެ ނަމުގައި ރަށްރަށުގެ އިޤްތިސާދީ އަދި އިޖުތިމާޢީ ދިރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.
ހަމައެއާއެކު، ބާރުތައް އެއްތަނަކަށް ޖަމާވުމަކީ އަބަދުވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަމެކެވެ. ކައުންސިލްތަކާއި ރައްޔިތުންގެ ފާރަވެރިކަމެއް ނެތި، މަރުކަޒީ ސަރުކާރުގެ ކެބިނެޓުން އެކަނި ބިންތަކާ މެދު ގޮތް ނިންމުމަކީ ވަކި ބަޔަކަށް ނުވަތަ ވަކި މަސްލަހަތުތަކަކަށް ބިންތައް ދޫކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެކެވެ. މިއީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ހިންގުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޙަޤީޤަތުގައި، ކައުންސިލްތަކުގެ ބާރު ކަނޑުވާނުލައި، އެ ފަރާތްތަކާ ގުޅިގެންވެސް ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންދެވިދާނެއެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ކައުންސިލްތަކުގެ ބަހެއް ނެތި ރަށްރަށުގެ ބިންތައް ކެބިނެޓަށް ނެގޭ ގޮތަށް އޮތުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެކެވެ. ތަރައްޤީ އަންނަންވާނީ ރަށު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު، އެމީހުންގެ އަޑު އިވޭނެ ފަދަ ގޮތަކަށެވެ. މަރުކަޒީ މުށްބާރުކުރުމުގެ ބޯދާ ސަގާފަތަށް އަލުން އެނބުރި ދިއުމަކީ ޤައުމަށާއި ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމެވެ.




ކޮމެންޓް (0)
ކޮމެންޓެއް ލިޔުއްވާ